އިސްޕޭނު ވިލާތް ނުވަތަ (އަލްއަންދަލުސް) އޭ ބުނުމުން އަޅުގަނޑުމެން މުސްލިމުންގެ ހަނދާން، އެންމެ ފުރަތަމަ ވެސް ހިތުތެރޭ ކުރަހައިލަނީ، ކޮންކޮން މަންޒަރުތަކެއްތޯއެވެ؟ މަޝްހޫރު ޖަބަލުއްޠާރިޤެވެ. ކުޅަދާނަ ޤާއިދު ޠާރިޤު ބުނު ޒިޔާދެވެ. މުޅި ޔޫރަޕުގެ ޢިލްމީ ސަފާގީ ފަލްސަފާގެ ނާރެސްކަމުގައި ވި ޤުރުޠުބާއެވެ. އަދި އެންމެ ފަހުން، ނިހާޔަތުގެ ވޭނީ އާހަކާއެކު، ޣަރުނާޠާ...އެހެން ނޫންތޯއެވެ!
އެއީ އެ ދުވަހެވެ. އަދަކީ މުޅީން އެހެން ދުވަހެކެވެ. މި އަދު އިސްޕޭނުވިލާތަކީ ނުވަތަ އިސްޕޭނަކީ އިސްލާމީ ވެރިކަމެއް އޮތް ދައުލަތެއް ނޫނެވެ. ހިނގަނީ ރަސްކަމެކެވެ. ޑިމޮކްރަސީއެކެވެ. މި ވަގުތު ތަޚުތު ފަޅުފިލުއްވަނީ ރަސްގެފާނު ފެލިޕޭ ހަވަނައެވެ. އެ ރަދުންނަށް ފަހު، ދެން ތަޚްތުގައި ވެޑުވޭނީ، އެ ރަދުން ނުހަނު ލޯބިފުޅުވާ ދަރިކަނބަލުން ޕްރިންސަސް ލިއޮނޯރއެވެ. މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލައިލާނީ ޕްރިންސަސް ލިއޮނޯރ އިސްޕޭނުގެ ތަޚުތާ ހަވާލުވެވަޑައިގަތުމަށް ޓަކައި، ތައްޔާރުވެވަޑައިގަންނަވާ ގޮތުގެ މައްޗަށެވެ.
އިޕޭނުވިލާތުގެ ކުރު ތަޢާރުފެއް
އިސްޕޭނު ވިލާތަކީ އިޤުތިޞާދީ ފުދުންތެރިކަމާއި ސިޔާސީ ބާރުވެރިކަމަށް މުހިންމު ހިސާބެއްގައި އޮންނަ ތަނެކެވެ. އެއީ ބައްރުތަކާއި ކަނޑުތައް ގުޅުވައިދޭ މައި ދޮރޯށްޓަކަށް ތަން ވާތީއެވެ. ނަތީޖާއަކީ ބޭރުގެ ހަމަލާތަކާއި އަތްގަދަކުރުންތައް ގިނަ އަދަދަކަށް ތަޖުރިބާކުރަން ޖެހުމެވެ. އެ ގޮތުން ލުބުނާނަށް ނިސްބަތްވާ، ފީނީޝިޔަނުންނާއި، ޔޫނާނީންނާއި ކާތޭޖްގެ މީހުން އިސްޕޭނު ހިމެނޭ އައިބީރިއަން ޕެނިންސިއުލާގައި އާބާދީތައް ބިނާކުރިއެވެ. މީލާދުގެ ކުރިން 2ވަނަ ޤަރުނުން ފެށިގެން މީލާދުގެ 5ވަނަ ޤަރުނާ ދެމެދު ރޯމަނުން އިސްޕޭނުގެ މައްޗަށް ބާރުވެރިވެގަތެވެ. އެ މީހުން އެ ތަނަށް ކިޔައި އުޅުނީ [ހިސްޕޭނިއާ] ކަމަށްވެއެވެ.
ރޯމަނުންގެ ބާރުތައް ވިއްސިވިހާލިވެ، އެ މީހުންގެ އަންބަރާޠޫރިއްޔާ ވެއްޓުމަށް ފަހު، މީލާދުން 5 ވަނަ ޤަރުން ފެށިގެން 8ވަނަ ޤަރުނާ ހަމައަށް އިސްޕޭނު ވިލާތް އޮތީ، ޖަރުމަނު ވިލާތުގެ ގަބީލާއެއްގެ އަތްދަށުގައެވެ. [ވިސިގޮތުން] އޭ ކިޔޭ ބައެކެވެ.
މީލާދުން އަށްވަނަ ޤަރުނު ފެށިގެން އައި އިރު، ދުނިޔޭގެ އިސްލާމީ ވެރިކަމަށް ޤަރުނެއް ވާން ކައިރިވެއްޖެއެވެ. މުސްލިމުން އިސްލާމީ ފުރިހަމަ ސޫރައިގައި ވަރަށް ގިނަ ސަރަހައްދުތަކަށް ތަޢާރަފުވެއްޖެއެވެ. އިސްލާމީ ޢަދުލާއި އިންސާފާއި ކުލުނާއި ރަޙުމް، އާންމު ރައްޔިތުންގެ ހިތްތައް ފަތަޙަކޮށްފިއެވެ. އެ އަޑުތައް އެކި ކަރަކަރަޔަށް ވިލާތްވިލާތަށް ފޯރައިފިއެވެ. ނަތީޖާއަކަށްވީ އޭރު އިސްޕޭނުގައި ވެރިކަންކުރަމުން އައި، ޖަރުމަނުވިލާތުގެ ވިސިގޮތުން ޤަބީލާގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާން އިސްޕޭނުގެ ރައްޔިތުން ބޭނުންވުމެވެ. އޭރު ހުންނެވި ބީރަށްޓެހި ރަސްގެފާނު ރޮޑްރިގްގެ ޚުދުމުޚްތާރުކަމާއި އޭނާގެ ޗާބޫކަށް އެއްވެސް ހަމައެއް އުސޫލެއް ނެތްކަމުން ރައްޔިތުން ތިބީ މާޔޫސްވެފައެވެ. [އަލްކާމިލު ފިއްތާރީޚި] މި ފޮތް ބުނާ ގޮތުން މި ޙާލުން މިންޖުކޮށްދޭން އިސްޕޭނުގެ ރައްޔިތުން މުސްލިމުންގެ ކިބައިން އެދުނެވެ. އެ ގޮތުން އޭރު މުސްލިމުންގެ ފަރާތުން އުތުރު އެފުރިކާގެ އަމީރަކަށް ހުންނެވި މޫސާ ބިން ނުޞައިރަށް، ކައުންޓް ޔޫލިޔަން ސިޓީއެއް ފޮނުއްވިއެވެ. އިސްޕޭނުގައި އޮތް ޚުދުމުޚްތާރު ރަސްކަމަށް ނިމުމެއް ގެނެސްދެއްވުން އެދިއެވެ.
މުސްލިމުން ކަނޑުމަގުން އިސްޕޭނަށް ދިޔައެވެ. ޤާއިދަކީ ޠާރިޤު ބުނު ޒިޔާދެވެ. ތަނުގެ އެތެރޭގައި އޮތް އަނިޔާވެރި ބާރުގެ މައްޗަށް މާތް ﷲ ނަޞްރުދެއްވިއެވެ. މީލާދުން 711އިން 1492އަށް އިސްޕޭނު ވިލާތަކީ މުސްލިމުންގެ ފަޚުރެކެވެ. އެ ތަނަށް [އަލްއަންދަލުސް]ގެ ނަމުން ނަން ދިނީ މުސްލިމުންނެވެ. މުސްލިމުން އަތުން އެންމެ ފަހުން ބީވެގެން ދިޔަ އިސްޕޭނުގެ ރަށަކީ ޣަރްނާޠާއެވެ.
ބޮޑު މިނުގައި 506030 (ފަސްލައްކަ ހަހާސް ތިރީސް) އަކަކިލޯ މީޓަރު ހިމެނޭ އަދުގެ އިސްޕޭނުގެ އާބާދީ މިހާރު އުޅެނީ ގާތްގަނޑަކަށް 47.8 މިލިއަނާއި 49.5 މިލިއަނާ ދެމެދުގައިކަމަށް ތަފާސްހިސާބުތައް ބުނެއެވެ. އޭގެ ތެރޭން މުސްލިމުންގެ ނިސްބަތަކީ%5 ކަމަށް ވެއެވެ. އާދެ! 2.48 މިލިޔަނެވެ.
އިސްލާމީ ޙަޟާރަތުގެ ރަންޒަމާނަށް ފަހު، އެކި ކަހަލަ ސިޔާސީ އިޖުތިމާޢީ ފުރޮޅުންތައް އިސްޕޭނު ދެކެފައިވެއެވެ. ޚުދުމުޚްތާރުވެރީން ވެސް، ދެކެފައިވެއެވެ. އެންމެ ފަހުން 1978ވަނަ އަހަރު އާ ޤާނޫނު އަސާސީއެއް ތަޞްދީޤުކުރެވުނެވެ. އެއީ 36 އަހަރަށް ދިގުދެމިގެން ދިޔަ ޚުދުމުޚްތާރު އަސްކަރީ ވެރިކަމަކަށް ފަހުއެވެ. އޭގެ ފަހުން މިހާރު އިސްޕޭނުގެ ދައުލަތަކީ ބަރުލަމާނީ ޑިމޮކްރެޓިކް ދައުލަތެކެވެ. ދައުލަތުގެ އެންމެ އިސްވެރިޔަކީ ރަސްގެފާނެވެ.
ޕްރިންސަސް ލިއޮނޯރ
ޕްރިންސަސް އޮފް އަސްތޫރަސް، ލިއޮނޯރަކީ އިސްޕޭނުގެ ތަޚްތުގެ އެންމެ ފުރަތަމަ ވާރުތަވެރިޔާއެވެ. ބައްޕާފުޅަކީ ކިންގ ފިލިޕޭ ހަވަނައެވެ. މަންމާފުޅަކީ ކުއީން ލެތީސިއާއެވެ. އެންމެ ކޮއްކޯފުޅެއް ހުންނަވައެވެ. ނަންފުޅަކީ އިންފަންތާ ސޮފީޔާއެވެ. ޕްރިންސަސް ލިއޮނޯރ އުފަންވެ ވަޑައިގަތީ އިސްޕޭނުގެ މެޑްރިޑްގައެވެ. އެއީ 31 އޮކްޓޫބަރު 2005ގައެވެ. ޢިއްޒަތްތެރި ކިޔުންތެރިޔާއެވެ! ވަރަށް ފަރިތަކަމާއެކު ތިބާ ވިދާޅުވެލައްވަން، އެކަމަނާގެ ފުރިހަމަ ނަންފުޅު ވެސް މި އޮތީއެވެ. ލިއޮނޯރ ދެ ތޮދޮސް ލޮސް ސަންތޮސް ދެ ބޯބޯން އި އޯރތިޒް އެވެ.
ތަޚްތަށް ތައްޔާރުވެވަޑައިގަތުން އިސްޕޭނު ވިލާތުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރަދުން އަވަހާރަވެއްޖެ ނަމަ، ތަޚްތުގައި ދެން ވެޑުވޭނީ ރަދުންގެ އެންމެ ދޮށްޓަށް ހުންނެވި ބޭފުޅެކެވެ. ރަސްގެފާނު އަމިއްލަފުޅަށް ރަސްކަމުން ޢަޒުލުވެވަޑައިގަތަށް ކަން ހިނގާނީ މި މަގުންނެވެ. މި އިން ކޮންމެ ހާލަތެއް ދިމާވިޔަސް، މިހާރު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އިސްޕޭނުގެ ތާޚުތުގައި ރެދަލިކުރައްވާން އިށީންދެވަޑައިގަންނަވާނެ ރާނީއަކަށް ވާނީ މިހާރު އުމުރުފުޅުން 21 އަހަރުފުޅުގައި އެ އިންނެވި ޕްރިންސަސް ލިއޮނޯރެވެ. އެ ކަމަނާ ބޮޑު ޒިންމާއަށް އަހުލުވެރިކުރުއްވަނީ ކިހިނެއްތޯއެވެ؟
އިބްތިދާއީ ތަޢުލީމު
ޕްރިންސަސް ލިއޮނޯރ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ، މެޑްރިޑްގެ ސަންތާ މާރިޔާ ދެލޮސް ރޮސާލެސް ސްކޫލުންނެވެ. މިއީ އިބްތިދާއީ މަރުޙަލާއިން ފެށިގެން ކީ ސްޓޭޖް 12އާ ހަމައަށް އޮންނަ ސްކޫލެކެވެ. ޔުނިވަރސިޓީތަކުގެ އަސްކަނިދަށަށް ކުދިން ތައްޔާރުކޮށްދޭ ތަރުބަވީ ކާރުޚާނާއެކެވެ. އިސްޕޭނުގެ ޝާހީ އާއިލާގެ ބޭފުޅުންނާއި އިސް މަސްއޫލުވެރީންގެ ބޭފުޅުން ފޮނުއްވާ މި ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގާ ސްކޫލެކެވެ. މާއްދާތައް ކިޔަވައިދެވޭ މައި ބަހަކީ އިސްޕޭނު ބަހެވެ. ނަމަވެސް އޭގެ އިތުރަށް އިނގިރޭސި، ފަރަންސޭސި، ޖަރުމަނު ބަސް ފަދަ ބަސްތައް ވެސް އުނގަންނާދެވެއެވެ.
އެންމެ ތުއްތު އިރު ވެސް ދެވޭ ތަޢުލީމުގައި އަމިއްލަ އަޚްލާޤާއި ޒާތީ ތަރުބިއްޔަތަށް އިސްކަން ދެވެއެވެ. ކަންކަމުގައި އަމިއްލަ ނިންމުންތައް ނިންމަން އެކަމުގެ ޤާބިލުކަން އުފައްދަން ހާނައިދެވެއެވެ. ދުނިޔެއަށް ހުޅުވިފައިވާ، އަމިއްލަ ޝަޚްޞު ރައްކާތެރިކުރާ، އިސްޕޭނީއެއްގެ ގޮތުގައި ދަރިވަރު ބިނާކުރެއެވެ. އެންވީމާ ޕްރިންސަސް ލިއޮނޯރުގެ ތަޢުލީމުގެ އެންމެ ފުރަތަމަ ''ތިއްކަރު'' ވެސް އަރުފުޅުން އެތެރެއަށް ފޮނުއްވާލެއްވިފައި އެ ވަނީ ދުނިއެޔާ އިސްޕޭނާ ދެމެދު ހޭފުޅުލައްވައި ހުންނެވުމަށެވެ.
ސާނަވީ ތަޢުލީމު
ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ އިނގިރޭސި ވިލާތުންނެވެ. ޔޫޑަބްލިއުސީ އެޓްލާންޓިކް ކޮލެޖުންނެވެ.
ޢަސްކަރީ ތަޢުލީމާއި ތަމްރީނު
އިސްޕޭނުގެ ރަސްގެފާނަކީ ނުވަތަ ރާނީއަކީ އެ ދައުލަތުގެ ސިފައިންގެ އެންމެ މަތީވެރިޔާއެވެ. ހުރިހައި އަމުރެއް ފެށިގެށިގެން އަންނަ ފަރާތެވެ. ދައުލަތުގެ ސިޔާދަތު ހުރިހައި މާނައެއްގައި ހިފެހެއްޓުމުގެ އެންމެ ހަރުދަނާ ތަނބެވެ. އެހެންކަމުން ދިފާޢި ނިޒާމުގައި ހިމެނޭ މައިގަނޑު ތިން ދާއިރާއިން ޢަމަލީ ގޮތުން އެ ކަމަނާ މިހާރު ތަމްރީނުތައް ފުރިހަމަ ކުރައްވައިފިއެވެ. 2023ވަނަ އަހަރުން ފެށިގެން 2026ވަނަ އަހަރުގެ މި ފާއިތުވި ދުވަސްތަކުގެ ތެރޭގައެވެ. އިތުބާރު ހިފޭ މަސްދަރުތަކުން ފެންނަ ގޮތުގައި އެ ކަމަނާ އެއްގަމު ސިފައިންގެ އަމަލީ ތަމްރީނުތައް ފުރިހަމަކުރެއްވީ ޒަރަގޯޒާގެ އާމީ އެކަޑެމީގައެވެ. ކަނޑުމަތީ ސިފައިންގެ ތަމްރީނުތައް ފުރިހަމަކުރެއްވީ މާރީންގެ ނާވަލް މިލިޓަރީ އެކަޑެމީންނެވެ. މީގެ ތެރޭގައި މަޝްހޫރު ކަނޑުމަތީގެ އަމަލީ ތަމްރީނު "ހުއާން ސެބަސްތިއާން ދެ އެލްކާނޯ" ވަރަށް ޚާއްޞަ ދަތުރެއްގެ ގޮތުގައި، ބައެއް މަސްދަރުތަކުގައި ފާހަގަކުރައްވައިފައި ހުރެއެވެ. ހަމަ އެހެންމެ މުރުސިއާގެ ޖެނެރަލް އެއަރ އެކެޑެމީން ވައިގެ ސިފައިންގެ ތަމްރީނުތައް އުނގެނިވަޑައިގަތެވެ.
ބަސްތައް ދަސްފުޅުކުރެއްވުން އިސްޕޭނަކީ ތަފާތު ބަސްތަކާއި ސަގާފަތްތަކުގެ މަލާފަތެކެވެ. އެކަމާ ތައްޔާރުކުރުވަމުން އަންނަނީ މި ގޮތުން ދައުލަތުގެ އެތެރެއަށާއި ބޭރަށެވެ. މުޅި ދުނިޔެއަށެވެ. އެހެންކަމުން އެ ކަމަނާ އިސްޕޭނު ބަހުގެ އެކި ގިންތިތަކަށް އަހުލުވެރިކުރުވުނެވެ. އެކި ދުވަސްވަރު އެކި ސަރަހައްދުތަކަށް ދަތުރުކުރުއްވައި ބަހުރުވަތަކަށް އަހުލުވެރިކުރުވުނެވެ. ބޭރު ބަސްތަކުގެ ތެރޭން އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، އަދި އަރަބި ބަހުގެ އަސާސީ އުސޫލުތަކާއި މުޢާމަލާތުގެ ދޭހަ ދެނެވަޑައިގަންނަވާކަމަށްވެއެވެ.
ސަގާފަތާއި ތަރިކަ
އިސްޕޭނުގެ ތަރިކައަކީ އެ ދައުލަތުގައި ޤާނޫނުތަކުން ހިމާޔަތްކުރެވިފައިވާ އެންމެން ވެސް އަގުކުރާ ތަކެއްޗެވެ. ކަންކަމެވެ. އޭގެ ތެރޭގައި މާއްދީ ތަރިކައާއި މާނަވި ތަރިކަ ހިމެނެއެވެ. އެ ކަމަނާ މި ކަންކަން އަމަލީ ގޮތުން ދަސްފުޅުކުރެއްވިއެވެ. އުމުރުފުޅުން އެންމެ 13 އަހަރުފުޅުގައި އާންމު ތަންތާނގައި ތަޤުރީރުކުރައްވާން ފަށްޓަވައިފިއެވެ. އެއީ އެ ޤައުމުގެ ޤާނޫނު އަސާސީއަށް 40 އަހަރު ފުރުނު ރަސްމިއްޔާތުގެ މުނާސަބަތުގައެވެ. އޭގެ އިތުރަށް ވަރަށް ތުއްޕުޅު އިރު ސަގާފީ ނެށުންތައް ދަސްފުޅުކުރެއްވިއެވެ. ފަރުބަދަމަތީގެ އެވޭލާ ކުޅިވަރުތަކާއި، މޫދުކުޅިވަރުތަކެވެ. މިސާލަކަށް ރިޔާނެގި ދޯނިދުއްވެވުން ފަދަ ކަންކަން ކުރައްވައެވެ. އެހެންވީމާ މުސްތަޤުބަލުގައި އެކަމަނާ ހިމެނިވަޑައިގަންނަވާނީ އިސްޕޭނުގެ ތަރިކައިގެ އަމަލީ ބެލެނިވެރިއަކަށެވެ.
ޤައުމީ ބޮޑެތި ރަސްމިއްޔާތުތައް
ތަޚްތަށް ވަޑައިގަތުމަށް ފަހު ކޮންމެހެން ޝަރަފުވެރިކޮށްދެއްވަން ޖެހޭ ޤައުމީ ބޮޑެތި ރަސްމިއްޔާތުތައް ވެސް މިހާރު އެ ކަމަނާ ގެންދަވަނީ ފަރިތަކުރައްވަމުންނެވެ. އެ ފަދަ ރަސްމިއްޔާތުގައި ބައްޕާފުޅު އަރިހުގައި ބައިވެރިވެވަޑައިގެން ތަމްރީނުތައް ހޯއްދަވަމުންގެންދަވައެވެ. މިސާލަކަށް އެކިއެކި ޤައުމީ ޢިއްޒަތް ދެވޭ ޚާއްޞަ މަރާސިމްތަކެވެ.
ނިންމުން ޒަމާންތަކަކަށް ފަހު، އިސްޕޭނުގެ ދައުލަތް މިހާރު ހިނގަނީ ވަރަށް ހަމަޖެހޭ ތަރުތީބު ނިޒާމެއްގެ ތެރޭންނެވެ. އެމީހުންގެ ދައުލަތުގެ ރަމްޒުކަމުގައިވާ ރަސްގެފާނަކީ އެ މީހުންގެ މާޒީއާއި މިހާރާއި މުސްތަޤުބަލުގެ ފިކުރުވެރިޔަކަށް ހަދައެވެ. ދެވޭ ޢިލްމާއި ތަމްރީނުން ދައުލަތެއްގެ ފުންމާނަ ތަޚްތުގެ ވާރިސުންނަށް ތަޞައްވުރު ކޮށްދެއެވެ. އެއީ ދުރާލައި ރޭވިގެންކުރެވޭ ވަރަށް ޢިލްމީ މަސައްކަތެކެވެ. މުޅި ދައުލަތުގެ ދިފާޢާއި، ދެމިއޮތުމާށް ޓަކައެވެ. ކަރާމާތާއި ޢިއްޒަތަށް ޓަކައެވެ. ޤައުމުގެ ހަމަޖެހުމާއި އުފާވެރިކަމަށް ޓަކައެވެ. އެހެނީ ދައުލަތުގެ އިސްތިޤުލާލާއި ސިޔާދަތަށް ޓަކައި ކުރެވޭ އެއީ ފިސާރި އަގުހުރި އަމާނާތުގެ އިންވެސްޓްމަންޓެކެވެ.
